ރާއްޖޭގެ ރަށްތަކުގެ ފެނުގެ ހާލަތު – ބައިލޮޖިކަލް ބޮމެއް

ރާއްޖޭގެ ރަށްތަކުގެ ފެނުގެ ހާލަތު – ބައިލޮޖިކަލް ބޮމެއް

 ރާއްޖޭގެ  ގިނަރަށްތަކުގައި އަދިވެސް ރައްކާތެރި ފެން ލިބޭކަށް ނުހުރެއެވެ. ގިނަރަށްތަކުގައި ބޭނުންކުރަން މިހުންނަނީ އޭގެ ރައްކާތެރިކަން ނޭގޭ ވާރޭ ފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން  ތައައްޔަރު ވެފައިވާ  ވަޅު ފެނެވެ. ސާފު ރައްކާތެރި ފެނަކީ ސިއްހީގޮތުން ދުޅަހެޔޮ އާބާދީއަކަށް ވަރަށްމުހިންމު އަދި އެންމެ އަސާސީ އެއް ވަސީލަތެވެ. މިކަން މިހެން އޮތްއިރު ރާއްޖެތެރޭގެ ރަށްތަކުގައި ރައްކާތެރި ފެން ލިބެން ނެތުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ރާއްޖޭގެ ގިނަ ރަށްތަކުގައި ބޯފެނުގެ ގޮތުގައި ބޭނުން ކުރަނީ ވާރޭ ފެނެވެ. 2006 ވަނައަހަރުގެ ބޯހިމެނުމުގެ ހިސާބު ދައްކާގޮތުން 95% ގޭގައި ބޭނުން ކުރަނީ ވާރޭފެނެވެ. 3% ގޭގައި ވަޅުފެން ބޭނުން ކުރާއިރު ފުޅީގައި ބަންދުކުރިފެން އަދި ޑީސެލިނޭޓެޑް ފެން (ކަނޑުގެ ލޮނު ފެނަށް ބަދަލުކޮށްގެން) ބޭނުން ކުރަނީ ވަރަށް މަދު ގެތަކެއްގައެވެ. ވާރޭފެނަކީ ސިއްހީގޮތުން ރައްކާތެރި ފެނެއްކަން ޔަގީންކުރަން އުދަގޫ ފެނެކެވެ. ވާރޭފެން ނަގާ ރައްކާކުރުމުގައި ވަރަށް ރަގަޅަށް ނުބެލިއްޖެނަމަ ބުޅާ އަދި މީދާފަދަ ޖަނަވާރުތަކުގެ ނަޖިހުން ފެން ތައައްޔަރު ވުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ. އަދި ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި ޖައްވު ނުސާފުވާމިނަވަރަށް ބަލާއިރު ވާރޭފެނަކީ އޭގެ ޒާތުގައިވެސް ސިއްހީގޮތުން އެހާރައްކާތެރި ފެނެއްކަމުގައި ޔަގީންކަން ދެވޭވަރުގެ ފެނެއްނޫނެވެ. 2000 ވަނަ އަހަރު ހެލްތް މިނިސްޓްރީއިން ޑަބްލިޔު.އެޗް.އޯ އަދި ޔުނިސެފަށް ތައްޔާރުކުރި ރިޕޯޓެއްގައި (ވޯޓާސަޕްލައި އެންޑް ސެނިޓޭޝަން އެސެސްމެންޓް – ދިވެހިރާއްޖެ 2000) ވާގޮތުން:

“ވާރޭފެނަކީ ރާއްޖޭގެ އާބާދީއަށް ބޯފެނުގެ ގޮތުގައި ބޭނުންކުރާ މުހިންމު ފެނަކަށްވިއަސް ވާރޭފެން ނަގާ ރައްކާކުރުމުގައި އަމަލުކުރާނެ ގަވާއިދުތަކާއި މިންގަޑުތަކެއް ހެދިފައެއްނެތެވެ. ރިޕޯޓް ކުރެވޭ ގޮތުގައި އިރުވައިމޫސުމުގައި ޖައްވު ތައައްޔަރުވުމުގެ އަސަރު ރާއްޖެއަށް ވަރަށްބޮޑަށްކުރެއެވެ. މިހާރު ވާރޭފެނުގައި އެސިޑްހުންނަ މިންވަރު ޓެސްޓެއް ނުކުރެވެ އެވެ. ޖައްވު މިހާވަރަށް ނުސާފުވާއިރު ވާރޭފެން ޓެސްޓު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.”

   ސިއްހީގޮތުން އެންމެ ރައްކާތެރި ފެނަކީ ކޮންމެވެސް ގޮތަކަށް ޓްރީޓްކުރެވިފައިވާ (އެކަށީގެންވާ މިންވަރަށް ގެއްލުން ދެނިވި ޖަރާސީމު ނުވަތަ މާއްދާތައް ނައްތާލެވިފައިވާ) ފެނެވެ. މިއީ ރާއްޖޭގެ ގިނަރައްޔިތުންނަށް އަދި ނުލިބޭ ފެނެކެވެ.

ކެއްކުމާއި އެއްޗެހިދޮވެ އަދި ފެންވެރުމާއި އަމިއްލަ ސާފުތާހިރުކަމުގައި އަދިވެސް ހުރިހާ ރަށެއްގައިހެންވެސް ބޭނުން ކުރަނީ ވަޅުފެނެވެ. ވަޅުފެނަކީ ބޭނުންކުރަން ރައްކާތެރި ފެނެއްކަމުގައި ބެލެވޭކަށް ނެތެވެ. 2002 ވަނައަހަރު ނެރުނު އޭޑީބީ ޑޮކިއުމެންޓެއްގައި ވާގޮތުން:

“ރާއްޖެތޭރޭގެ ރަށްތަކުގެ ވަޅުފެނަކީ އާންމުގޮތެއްގައި ރައްކާތެރި ފެނެއް ނޫނެވެ. މިހެންދިމާވުމުގެ މައިގަޑު ސަބަބަކީ ޖަރާސީމުން ފެން ތައައްޔަރު ވެފައިވާތީއެވެ. ވަރަށްގިނަ ރަށްތަކުގައި މިހެންވަމުން ދިއުމުގެ އަސްލަކީ ރަގަޅު ފެންވަރަކަށް ހެދިފައިނުވާ ފާހާނާ ވަޅުތަކުން ލީކުވާތީއެވެ. އަދި މިކަމަކީ މުޅި ރާއްޖޭގައިވެސް ބޮޑު މައްސަލައެއްގޮތުގައި ފާހަގަ ކުރެވިފައިވާ ކަމެކެވެ. މިހާރު ފާހާނާ ވަޅުތައް ހަދަނީ ސިމެންތިއާއި މުރަކަ ބޭނުން ކޮށްގެންނެވެ. އަދި ފުންކޮށް ބަހަށްޓާފައި ހުންނަ ފެންހިންދާ ވަޅުތަކުގެ ސަބަބުން ނަޖިސްފެން ސީދާ ރަށުގެ ފެންފަށަލައިގެ ތެރެއަށް ވަދެގެން ދެއެވެ. ޓެސްޓުކުރެވުނު ރަށްތަކުން އެގުނު ގޮތުގައި ޖަރާސީމުން ފެން ތައައްޔަރުވުމަކީ އާންމު ކަމެކެވެ. އަދި ބައެއްރަށްތަކުގެ ފެނުގެ 95% ވަނީ ތައައްޔަރު ވެފައެވެ. ބައެއްހިސާބުތަކުގައި ފެނުގެ ވަހުންވެސް ފަސޭހައިން މިކަން އެގެއެވެ. މިއީ ރާއްޖޭގައި ދިމާވެފައިވާ ތިމާވެށީގެ އެންމެބޮޑު އެއް މައްސަލައެވެ. އެކަމަކު މިކަމަކީ އަޅާނުލާ ދޫކޮށްލެވިފައިވާ ކަމެކެވެ. މިމައްސަލަ ކުރިމަތު ކުރުވާ ފާހާނާ ވަޅުތަކާއި އަދި ނިޒާމު ބޭނުންކުރުން ރާއްޖޭގައިދަނީ ބިރު ގަންނަން ޖެހޭވަރަށް އިތުރުވަމުންނެވެ.”

މީގެ އިތުރުން “ވޯޓާސަޕްލައި އެންޑް ސެނިޓޭޝަން އެސެސްމެންޓް – ދިވެހިރާއްޖެ 2000” ގައި ވާގޮތުން “ވަޅުފެން ޓެސްޓްކުރުންތަކުން ދައްކާގޮތުން ނަޖިހުގެ ސަބަބުން ފެން ތައައްޔަރުވުމަކީ މީހުން ދިރިއުޅޭ ގިނަރަށްތަކުގައި އާންމު ކަމެކެވެ.”

މިގޮތަށަ މިކަން އޮތަސް މާލެ، ކ.ވިލިގިލި އަދި ހުޅުމާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެކަށީގެންވާ ފެންވަރަކަށް ހެދިފައިވާ ފާހާނާ ނަރުދަމައިގެ ނިޒާމެއް އަދި ނެތެވެ. ގިނައަދަދަކަށް ނަޖިސްފެން ބިމަށް ހިންދުމުގެ ސަބަބުން ފެން ތައައްޔަރުވާ މިންވަރު އިތުރުވެ އަވަސްވެއެވެ. މިހާގިނަ އަދަދަކަށް ފާހާނާވަޅު ބެހެއްޓުނުއިރުވެސް މިކަމާއިބެހޭ ހަރުދަނާ ގަވާއިދެއް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން އަދިވެސް ހަދާފައެއް ނެތެވެ. އަދި ފާހާނާވަޅު ބެހެއްޓުމާއި ބެލެހެއްޓުމުގައި ރައްކާތެރިވާންޖެހޭ ކަންތައްތަކާއި ދޭތެރޭ މީހުން ހޭލުންތެރި ކުރުވަންވެސް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނެތެވެ. އެމް.ޑަބްލިޔު.އެސް.އޭ އާއި ޔުނިސެފާއި ގުޅިގެން ނަޖިސް ނައްތާލުމާއިބެހޭ ވަރަށް ރަގަޅު ގައިޑްލައިނެއް ތައްޔާރުކޮށްފައި ވެއެވެ. މިގައިޑްލައިން ޑައުންލޯޑް ކުރައްވާ  (1.30 އެމްބީ، ޕީޑީއެފް)]އެކަމަކު ފާހާނާ ވަޅު ބެހެއްޓުމާއި ބެލެހެއްޓުމުގައި މިގައިޑްލައިނުގައި ވާގޮތަށް ކަންތައް ނުކުރެވޭކަން ފާހަގަ ކުރެވެއެވެ. މިކަހަލަ ގައިޑްލައިނެއް އޮންނަކަން ކިހާގިނަ ބަޔަކަށް އިގޭބާވައެވެ؟ އަދި އެގައިޑްލައިންގައިވާ ގޮތަށް ކަންތައް ނުކޮށްފިނަމަ ދިމާވެދާނެ ސިއްހީ ނުރައްކާ ރައްޔިތުންނަށް ފުރިހަމައަށް އިގޭ ބާއެވެ؟ މިހާ މުހިންމު ކަމެއްގައި ހަމައެކަނި ގައިޑްލައިނެއް އޮވެގެން ނުފުދެއެވެ. ތަސްދީގު ކުރެވޭ ގާނޫނާއި ގަވާއިދު ކޮންމެހެންވެސް މުހިންމެވެ.

ބައެއް ރަށްތަކުގައި ނަޖިސްފެން ހިންދާ ވަޅުވަނީ ކުޅި، އޮޅު އަދި މޫދު ފަދަ ތަންތަނާވެސް ގުޅާފައެވެ. އަދި ގިނަފަހަރަށް ނަޖިސްފެންހިންދާ ވަޅުތައްވަނީ ރަށުގެ ފެންފަށަލައާއި ސީދާ ގުޅިފައެވެ. މިކަހަލަ ކަންތައްތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމުގައި ހަރުދަނާ ގަވާއިދު ތަކާއި ރައްޔިތުންގެ ހޭލުންތެރިކަމުގެ ދައުރު ވަރަށް މުހިންމެވެ. ކުރިން ދެންނެވުނު ހެލްތް މިނިސްޓްރީގެ ރިޕޯޓަގައިވެސް ރާއްޖޭގައިހެދޭ ފާހާނާ ވަޅުތަކަކީ އެކަށީގެންވާ ފެންވަރަށް ނެހެދޭ އެއްޗެއްކަމަށްވަނީ ފާހަގަ ކޮށްފައެވެ. އަދި ހެދޭގޮތުންނާއި ސައިޒުން ގިނަފަހަރަށް ޓްރީޓް ނުކުރެވޭ (އެކަށީގެންވާ ވަރަށް ގެއްލުންދެނިވި ޖަރާސީމާއި މާއްދާތަށް ނައްތާނުލެވިފައިވާ) ނަޖިސްފެން ސީދާރަށުގެ ފެންފަށަލައިގެ ތެރެއަށް ސީދާ ވަނުމަކީ އާންމު ކަމެއް ކަމުގައިވެސް ފާހަގަ ކޮށްފައި ވެއެވެ. އަދި ވަކިމުއްދަތެއްގެ ތެރޭގައި ފާހާނާ ވާޅު ސާފު ނުކުރާނަމަ ދިމާވާ ނުރައްކާތެރި މައްސަލަތައްވެސް މިރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އަދިވެސް އެރިޕޯޓުގައި ވެއެވެ: “ގަބޫލު ކުރެވޭގޮތުގައި ވަޅުފެން ތައައްޔަރުވުމުގެ އެންމެބޮޑު އެއްސަބަބަކީ ނަޖިސް ނައްތާލުމަށް އެކަށީގެންވާ ޓެކްނޮލޮޖީއެއް ނެތުމާއި އެކަށީގެންވާ ޓެކްނިކަލް އުސޫލްތަކާއި މިންގަނޑުތައް ނެތުމެވެ.” މިކަންތައްތަށް މިހާ ރަގަޅަށް އެނގޭއިރުވެސް ގަވާއިދަށް ނަހަދާ އަދި އެކަށީގެންވާ ގޮތެއްގައި މީހުން މިކަމަށް ހޭލުންތެރިކުރުން ލަސްކުރުމަކީ  ވަރަށް ސީރިއަސް މައްސަލައެކެވެ.

މިހާރު މިއޮތްގޮތުން ރާއްޖެތެރޭގެ ފެނުގެ ހާލަތެކޭ ބައިލޮޖިކަލް ބޮމެކޭ ތަފާތެއްނެތެވެ. ސާފު ރައްކާތެރި ފެން ނުލިބުމާއި އެކަށީގެންވާގޮތެއްގައި ނަޖިސް ނައްތާނުލެވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތައް ގިނަގުނައެވެ. ދިގު މުއްދަތެއްގެ ތެރޭގައި މިއިންވާނެ ގެއްލުން މާބޮޑުވާނެކަން ޔަގީނެވެ. އެހެންވީމާ ރާއްޖެތެރޭ ރައްޔިތުންނަށްވެސް ދުޅަހެޔޮ ސިއްހަތަކާއި ރައްކާތެރިކަން ބޭނުންވާތީ، ރާއްޖެތެރޭ ރަށްތަކުގައިވެސް ސާފު، ރައްކާތެރި ފެން ލިބޭނެގޮތް ހެދުމާއި އެކަށީގެންވާ ގޮތެއްގައި ނަޖިސް ނައްތާލެވޭނެ ނިޒާމެއް ގާއިމުކޮށް މިކަމާއިދޭތެރޭ މީހުން ހޭލުންތެރި ކުރުވުމަކީ ވަރަށް މުހިންމު އަދި އެއްވެސް ހާލެއްގައި ލަސްކޮށްގެން ވާނޭ ކަމެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *