ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްރަށާއި ބިންބިން ކުއްޔަށްދޭ މުއްދަތު 25 އަހަރުން 50 އަހަރަށް އިތުރުކުރުމަށް މިހާރުވަނީ މަޖްލިހަށް ބިލެއް ހުށަހަޅާފައެވެ. މިހާރު އަމަލުކުރެވޭ ގާނޫނުގެ ދަށުންކުއްޔަށްދެވޭ 25، 35 ނުވަތަ 50 އަހަރުގެ ބަދަލުގައި ތަފާތުކުރުމެއްނެތި ހުރިހާ ރިސޯޓްތަކަށް 50 އަހަރުގެ މުއްދަތެއް ދިނުމާއި ދޭތެރޭ ފުންކޮށް ވިސްނާލަން ޖެހެއެވެ. އަދި އެކަން އެގޮތަށް ހުށަހަޅާނަމަ އެއާއި އެއްކޮށް ކުރަންޖެހޭ އެހެން ކަންތައްތައްވެސް އެބަހުއްޓެވެ.
ޓޫރިޒަމާއިބެހޭ ގާނޫނުގެ ދަށުން އާންމުކޮށް ރަށެއް ނުވަތަ ބިމެއް ޓޫރިސްޓް ރިސޯޓެއް ހިންގަން ކުއްޔަށް ދެވޭ އެންމެ ދިގުމުއްދަތަކީ 25 އަހަރެވެ. އެކަމަކު ރިސޯޓެއް ހެދުމަށް ފަށާއިރު ކުރާ އިންވެސްޓްމެންޓް ދިހަ މިލިއަން ޑޮލަރަށް ވުރެ ބޮޑުނަމަ، 35 އަހަރަށް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެން ވެއެވެ. އަދި ހުރިހާ ހިއްސާދާރުން ނަކީ ދިވެހިންކަމުގައިވާ ޕަބްލިކް ކުންފުންޏަކުން ހިންގާ ރިސޯޓެއްނަމަ 50 އަހަރަށް އިތުރުކޮށްދިނުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެން ވެއެވެ. މިކަން މިހެން އޮތަސް އަމިއްލަ ފަރާތްތަކުން މިފުރުސަތުގެ ބޭނުން ކޮށްފައެއް އަދި ނުވެއެވެ.
ޓޫރިޒަމް އިންޑަސްޓްރީއަށް ރިފޯމް ގެންނަން ޖެހޭ ކަމީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު އެބަދަލުތަކުގެ ފެށުމަކަށް ރަށްތައް ކުއްޔަށްދޭ މުއްދަތު އިތުރުކުރުމަކީ ރަގަޅު ފެށުމެއްކަމަށް ބެލެވޭކަށް ނެތެވެ. އެއަށްވުރެ މުހިންމު ކަންތައްތައް އެބަހުއްޓެވެ.
ރަށްތައް ކުއްޔަށްދޭ މުއްދަތު އިތުރުކުރުމުގެ މައިގަޑު ބޭނުމަކަށް ވާންޖެހޭނީ ރިސޯޓްތަކަށް ކުރާ އިންވެސްޓްމެންޓް އަބުރާ ހޯދާ އަދި އެކަށީގެންވާ ފައިދާ ހޯދުމަށް ދުވަސްތަކެއް ދިނުމެވެ. އެކަމަކު ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބަލާއިރު ރިސޯޓްތަކަށް ކުރާ އިންވެސްޓްމެންޓް އަބުރާ ހޯދުމަށް އެހާގިން ދުވަސްތަކެއް ނުނަނަގައެވެ. 5 -10 އަހަރުތެރޭ ބޮޑެތި ރިސޯޓްތަކުގެ އިންވެސްޓްމެންޓްވެސް ރިކަވާ ކުރެވެއެވެ. އެހެންކަމުން 25 އަހަރަކީވެސް ކުރުނޫން މުއްދަތެކެވެ. މިގޮތަށް ވިސްނާއިރު ފަންސާސް އަހަރަށް އިތުރުކުރުމަކީ މުހިންމު ކަމެއް ނޫނެވެ. އަދި މިހާރު އޮތް ފަންސާސް އަހަރަށް އެމުއްދަތު އިތުރުކުރުމެ ފުރުސަތު އެއްވެސް ބަޔަކު ނުހިފުމަކީވެސް މިވިސްނުމަށް ބާރުލިބޭ ކަމެކެވެ.
ޓޫރިސްޓް ރިސޯޓްތަކުގެ ކުލި ބަދަލު ކުރުމަކީ މިހާރުވެސް ކުރަންޖެހޭ ކަމެކެވެ. ރާއްޖޭގައި މިހާރު ހިންގާ ރިސޯޓްތަކުގެ 90% ރިސޯޓްގެ ކުލި އުޅެނީ އަހަރަކު އެނދަކަށް ހަތަރުހާސް ޑޮލަރަށްވުރެން ދަށުގައެވެ. މިފަހުން ދެވުނު ބައެއް ރަށްތަކުގެ ކުލި އުޅެނީ ހަތަރު ހާހުން ފެށިގެންގޮސް ފަނަރަހާސް ޑޮލަރުން މައްޗަށެވެ. ކުލި މައްޗަށްދިޔުމުގެ ބޮޑު ސަބަބަކީ ސަރުކާރުން ބިޑް އިވެލުއޭޓް ކުރުމުގައި ރަށުގެ ކުއްޔަށް ގިނަ ޕޮއިންޓް ދިނުމެވެ. މިއީ ބިޑް އިވެލުއޭޓް ކުރުމުގައި އެންމެ ރަގަޅު ގޮތަށް ނުވެދާނެއެވެ. އެކަމަކު މިއިން އެގޭ އެއްކަމަކީ މިހާރު ގިނަ ރިސޯޓްތައް ކުއްޔަށް ދީފައިވާ ވަރަށް ވުރެ ބޮޑު އަގެއްގައި ކުއްޔަށް ދެވޭނެ ކަމެވެ. އަދި މަތީ ކުއްޔެއްގައިވެސް ރިސޯޓް ހިންގައިގެން ފައިދާ ވާނެ ކަމެވެ. ރިސޯޓްގެ ކުލި އަހަރަކު އެނދަކަށް ހަހާސް ޑޮލަރަށް ބަދަލު ކޮށްލިޔަސް ދައުލަތުގެ އާމްދަނީއަށް އަހަރަކު 650 މިލިއަނެއްހާ ރުފިޔާ އިތުރުވާނެއެވެ. އަތޮޅުތަކުގެ ތަރައްގީއަށް މިފައިސާ އާބާދީގެ ނިސްބަތުން ބަހާލިޔަސް ފުވައްމުލަކަށް އެކަނިވެސް އަހަރަކު ވިއްސަކަށް މިލިއަން ރުފިޔާ ލިބޭނެއެވެ. ތަރައްގީގެ އެތައް ޕްރޮޖެކްޓެއް ހިންގޭނެއެވެ.
ރިސޯޓްތަކުގެ ކުލިކަނޑަޢެޅުމުގައި ވަކި އުސޫލުތަކެއް ނެތުމުން މިއިންޑަސްޓްރީގެ ވާދަވެރިކަމަށް އަސަރު ކުރެއެވެ. ރިސޯޓްތަކުގެ ކުލި ބައެއް ފަހަރު ކަނޑައެޅެނީ ބީލަން ހުށަހެޅުމުގެ ސްޓޭޖުންނެވެ. އަނެއްބައި ފަހަރު ޖުވާކުޅޭ އުސޫލުން ރަށްތައް ބަހާލާއިރު ސަރުކާރުން ކަނޑައަޅާ ކުއްޔެއްގައެވެ. އަނެއްބައި ފަހަރު ސަރުކާރުން ނިންމާ ވަކި ކުއްޔެކެވެ. ރިސޯޓް ތަރައްގީކުރަން ކުއްޔަށް ދޫކުރާ ރަށްތަކާއި ބިންބިމުގެ ކުލި ކަނޑައެޅުމަށް ވަކިއުސޫލެއް ނިންމުމަކީ މިއިންޑަސްޓްރީގެ ވާދަވެރިކަން އިތުރުކުރެވި އަދި ހަރުދަނާކުރެވޭނެ ކަމެކެވެ.
ދެންއޮތީ ބެޑްޓެކްސްގެ ވާހަކައެވެ. މިހާރު މިޓެކްސްނަގާ އުސޫލަކީ ކޮންމެ ގެސްޓަކު ރާއްޖޭގައި ހުންނަ ކޮންމެ ދުވަހަކަށް 8 ޑޮލަރެވެ. އޭނާ ރިސޯޓުގައި ހުރުމަށް ދުވާލަކު ކިތަންމެ ގިނައިން ނުވަތަ މަދުން ދެއްކިއަސް ބެޑްޓެކްސް ނަގަނީ އެއްވަރަކަށެވެ. މިއަށްވުރެ ރަގަޅު ވާނެ ގޮތަކީ ރިސޯޓްގެ ރޫމްރޭޓުން ވަކި ޕަސެންޓެއް ނެގެމުވެ. ނުވަތަ ރިސޯޓް ފައިދާއިން ޓެކްސްނެގުމެވެ.
ރިސޯޓްތައް ހިންގާ ބައެއް ރަށްތަކަކީ ކުރީން ކޮންމެވެސް މީހަކަށް ނުވަތަ އާއިލާއަކަށް ވަރުވާއަށްދީ އަދި ފަހުން އެފަރާތަކުން ރިސޯޓް ހިންގާ ބަޔަކަށް ބޮޑު އަގުގައި ކުއްޔަށްދީގެން ހިންގާ ރިސޯޓް ތަކެކެވެ. މިހެންވުމުން ރިސޯޓް ހިންގާ ފަރާތްތަކުން އިތުރު ޚަރަދެއް ކުރަން ޖެހެއެވެ. އަދި ސަރުކާރުން އެރަށް ކުއްޔަށް ހިފާ ފަރާތަކީ މިއިންޑަސްޓްރީއަށް އެއްވެސް އުފެއްދުންތެރިކަމެއް ގެނެސްދޭ ބަޔަކަށް ނުވެއެވެ. އެހެންކަމުން ރިސޯޓް ހިންގާފަރާތަށް ސީދާ ސަރުކާރުން ރަށްތައް ކުއްޔަށް ދީފައި އޮތުމުގެ އުސޫލު އޮތުން މުހިންމެވެ. ނުވަތަ ސަރުކާރުން ރަށްތައް ނަގާފައި އެހެން ފަރާތަކަށް ރަށް ކުއްޔަށް ދޭނަމަ ކުއްޔަށް ދޭފަރާތުން އާމްދަނީގެ ޓެކްސްއެއް ނެގުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެކެވެ.
ރިސޯޓް ރަށްތައް ކުއްޔަށް ދިނުމުގެ މުއްދަތު އިތުރުކުރުގެ ވާހަކަ ދައްކާއިރު، މަތީގައި ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ވިސްނުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތް ކަމުގައި ދެކެމެވެ. އަދި ފަންސާސް އަހަރަށް އިތުރުކުރާނަމަ އެކަމުގެ ޝަރުތެއް ގޮތުގައި މިކަންތައްތައް ހިމެނުމަކީ މުހިންމު ކަމެކެވެ. މިކަންތައްތައް މިގޮތަށް ކުރުމަށް މަޖްލިހުގެ މެމްބަރުންނަށް ގޮވާލަމެވެ. އަދި ފައިސާވެރިންގެ ނުފޫޒުން މިނިވަންވެތިބެ މިބިލަށް ބަހުސުކޮށް ވޯޓުދިނުމަށް އިލްތިމާސް ކުރަމެވެ.