ރިސޯޓް މުވައްޒަފުންގެ ހައްގުތައް ނުލިބި ލަސްވުމަކީ ސީރިއަސް މައްސަލައެއް

ރިސޯޓް މުވައްޒަފުންގެ ހައްގުތައް ނުލިބި ލަސްވުމަކީ ސީރިއަސް މައްސަލައެއް

ރާއްޖޭގެ އެންމެ ފައިދާބޮޑު ވިޔަފާރި ކަމަށްވާ ޓޫރިސްޓް ރިސޯޓުތައް ހިންގުމުގައި ހަރަކާތްތެރިވާ ދިވެހިން އެމީހުންނަށް ލިބިދޭންޖެހޭ ހައްގު ހޯދުމަށް އެކި ސިސިފައިގާ ވަނީ މަސައްކަތް ކޮށްފައެވެ. އެހައްގުތައް ފުރިހަމަޔަށް ނުލިބި ލަސްވަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

ރާއްޖޭގައި ވަޒީފާއާއި ބެހޭ ގާނޫނެއް މިއަހަރު ތެރޭގައި ހެދިގެން އައުމުން ގިނަބައެއްގެ ހައްގުތައް އެއިން ލިއްބައިދީ އަދި ހިމާޔަތް ކޮށްދޭނެ ކަމަށް ގިނަބަޔަކު އުންމީދި ކުރިއެވެ. ނަމަވެސް އެބިލް މަޖްލިހުން ފާސްވުމުން އެގުނުކަމަކީ ރިސޯޓް މުވައްޒަފުންނަށް މިބިލުން ހިމާޔަތް ލިބެން ނެތް ކަމެވެ. މިހާގިނަދިވެހިންތަކެއް މިބިލުން އިސްތިސްނާވީއިރު މިބިލަށް ވޯޓުދިނީ ހަގީގަތުގައިވެސް ރައްޔިތުންގެ މެމްބަރުންތޯ ސުވާލު އުފެދެއެވެ. ނުވަތަ އެމީހުންނާއި ރިސޯޓު ހިންގާ ފަރާތްތަކާއި އޮންނަ ސީދާ ނުވަތަ ނުސީދާ ގުޅުމަކުން މިގޮތަށް ވޯޓުދިނީކަމަށްވެސް ވެދާނެއެވެ. މިބިލާއި މެދު ރިސޯޓު މުވައްޒަފުން ހިތްހަމަނުޖެހި އެމީހުންނަށް އެބިލުން ހިމާޔަތް ހޯދައިދިނުމަށް ގޮވާލި ގޮވުންތަކަށްވެސް އެކަށީގެންވާ އިޖާބައެއް މަޖްލިސް މެމްބަރުންނަށްވެސް އަދި ސަރުކާރަކަށްވެސް ނުދެވުނެވެ. އެންމެފަހުން މިކަމަށް ހައްލެއް ގެނެވުނީ ސީދާ ހަރަކާތައް ނުކުމެ ހަޅުތާލު ހަދާނެ ކަމުގެ އިންޒާރު ދީގެންނެވެ.

ވަޒީފާއާއި ބެހޭބިލަށް މިބަދަލު ގެނެވުނު ކަމުގައި ވިޔަސް ގިނަ މުވައްޒަފުންތަކެއް މިޖެހެނީ އެމީހުންގެ ހައްގުތައް ހޯދުމަށް އާދޭސްކޮށް، ޕެޓިޝަން ހުށަހަޅާ އަދި ހަޅުތާލު ކުރާށެވެ. ގާނޫނަކުން އެމުވައްޒަފުންނަށް ލިބިދޭންޖެހޭ ހައްގުތަށް ހޯދަން ޖެހޭނީ މިގޮތަކަށް ނޫނެވެ. ރިސޯޓުތަކުން އެހައްގުތަށް މިހާރުން މިހާރަށްވެސް ދޭން ޖެހޭނެއެވެ. ނުދީފިނަމަ އެމީހުންނަށް އެކުރެވެނީ ގާނޫނީގޮތުން ކުށެކެވެ. އެހެންވެއްޖެނަމަ ކަމާބެހޭ ފަރާތްތަކުން އެރިސޯޓުތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭނެއެވެ. އެކަމަކު އަހަރެމެންނަށް މިހާރު މިފެންނަނީ އެހައްގުތައް ނުލިބިގެން މުވައްޒަފުން އެކިގޮތްގޮތުން މަސައްކަތް ކުރާތަނެވެ. ރިސޯޓުތަކާއި ދޭތެރޭ ފިޔަވަޅު އެޅޭތަނެއް ނުފުނެއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވާގޮތުން ވަޒީފާގެ ގާނޫނަށް އަމަލުކުރަންވީ ގޮތް ވަޒީފާދޭ ފަރާތަށްވެސް ނޭގޭކަމެވެ. މިއީ މުވައްޒަފުންގެ މައްސަލައެއް ނޫނެވެ. ގާނޫނެއް ހެދުމުން ރިސޯޓުތަކުންވެސް ޖެހޭނީ ގާނޫނުގައިވާގޮތަށް އަމަލު ކުރާށެވެ. ނޭގެއޭ ބުނުމަކީ އުޒުރެއް ނޫނެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް ތަފާތު ބައެކެވެ. އެމީހުންނަކީ ރާއްޖޭގައިވާ އެންމެ ފައިދާބޮޑު އިންޑަސްޓްރީގައި މަސައްކަތް ކުރާބައެކެވެ. އެމީހުންނަކީ އާއިލާއާއި ވަޒަންދޫކޮށް ކުޑަރަށެއްގައި “އަރުވާލެވިގެން” ތިބެ މަސައްކަތް ކުރަންޖެހިފައިވާ ބައެކެވެ. އެހެންކަމުން އެމީހުންނަށް ލިބިދޭން ޖެހޭ ހައްގުތަކާއި ހިމާޔަތް ނުލިބި ލަސްވަމުން ދިއުމަކީ އެއްގޮތަކަށްވެސް ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *