ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅި ބަޖެޓަށް ތަކުލީފަކަށް ވެގެން ނުވާނެ

ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅި ބަޖެޓަށް ތަކުލީފަކަށް ވެގެން ނުވާނެ

(1) އާސަންދައަކީ ފަހުގެ ނުވަތަ ކުރީތާރީހަކަށް ބެލިކަމުގައި ވިޔަސް ދިވެހި ސަރުކާރަކުން ރައްޔިތުންނަށް ތައާރަފްކޮށްދިިން އެންމެ ބޭނުންތެރި ނިޒާމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަލިވުމަކީ ވަކި މުއްސަންޖަކަށް ފަގީރަކަށް އޮއްނަ ކަމެއްނޫނެވެ. އަދި ބަލިވާހިނދު އެކަށީގެންވާ ފަރުވާ ލިބުމުގެ ހައްގު އޮންނަންވީ ހަމައެކަނި ފައިސާގެ ތަނަވަސްކަން ހުރި މީހުނަށް އެކަންޏެއް ނޫނެވެ. ނިކަމެތި ފަގީރު މީހާއަށްވެސް އެހައްގު  އޮއްނަން ޖެހޭނެއެވެ. އެހެންކަމުން އާސަންދަ ދެމި އޮންނަން ޖެހޭނެއެވެ. އިތުރަށް ފުޅާ ކުރެވެން ޖެހޭނެއެވެ.

(2) ދައުލަތުގެ އާމްދަނީއާ ހަރަދުގެ ހިސާބަކީ ބެޖެޓެވެ. ބަޖެޓުގެ ހަރަދު ތެރޭ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ތަރައްގީގެ ޕްރޮޖެކްޓަތައް ހިމެނެއެވެ. އާސަންދައަށް ކުރާ ހަރަދަކީވެސް ބަޖެޓުގެ ހަރަދުބައިގެ ތެރޭ ހިމެނޭ އެއްޗެކެވެ. އާސަންދައަށްކުރާ ހަރަދު އިތުރުވާ ވަރަކަށް، އާމްދަނީ އިތުރުނުވާނަމަ، އެހެންކަންކަމަށް ހަރަދު ކުރަން ހުންނަވަރު މަދުވެގެން ދާނެއެވެ. އާމްދަނީ އިތުރުވިއަސް އެހެންވުން އެކަށީގެން ވެއެވެ.

(3) ތަފާސްހިސާބުތަކުން ދައްކާގޮތުން އާބާދީގެ 82% މީހުން އަހަރަކު 8 ފަހަރު އާސަންދައިގެ ހިދުމަތް ހޯދައެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމަކެވެ. އާސަންދައިގެ ހިދުމަތް ހޯދާތީކީ ނޫނެވެ. އެކަމަކު ސިއްހީގޮތުން ބަލިކަށި އާބާދީއެއްގެ މަލަމަތި ފެންނާތީ އެވެ. މިގޮތަށް ދާނަމަ ބަޖެޓުގެ ބޮޑުބައެއް ސިއްހީ ފަރުވާޔަށް ހަރަދުކުރަންޖެހި ރައްޔިތުންނަށް ހިދުމަތް ދިނުމާއި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމަށް ދަތިވެގެން ދާނެއެވެ. އިގްތިސާދީ އުފެއްދުންތެރިކަން ހީނަރުވެގެން ދާނެއެވެ. އުފާވެރި ދިރިއުޅުމަކަށް ހުރަސްއެޅިގެން ދާނެއެވެ. ވިސްނަންވީ ހަމައެކަނި މާދަމާއަކަށް ނޫނެވެ. 2އަހަރު، 5 އަހަރު، 10 އަހަރު 20 އަހަރު ފަހަށެވެ. 

(4) ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއާއި ގުޅިގެން ޖެހޭބަލިތައް ރާއްޖޭގައި ދަނީ ކަންބޮޑުވާދަރަޖައަށް އިތުރުވަމުންނެވެ. މިހާރުގެ އާދަކާދަތަކަށް ބަލާއިރު ކުރިއަށް އޮތްތަނުގައި ދާނީ އިތުރުވެގެންނެވެ. މިޖީލަކީ ސިގިރެޓާއި ކޮފީގެ ޖީލެކެވެ. ރެޑްބުލް، އެކްސެލް، ޕަވާގޯލްޑު، މައިލޯ އަދި ކޯލާގެ ޖީލެވެ. ރޭގަނޑު ދަންވަންދެން ނުނިދާ ތިބޭ ޖީލެވެ. ގޮތްނޭގޭ ތަންތަނުގައި ހަދާ ކާބޯތަކެއްޗާއި ޒާތްޒާތުގެ ލުއިކާނާ ރާއްޖޭގެ ބާޒާރުގައި ދަނީ ބޭނުންގޮތަކަށް ވިއްކަމުންނެވެ. މަސްތުވާތަކެތީގެ އަސަރު ގިނަ ބަޔަކަށް ވަނީ ކޮށްފައެވެ.

(5)  މިސަރަހައްދުންވެސް ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން އެންމެ ގިނައީ ރާއްޖޭގައެވެ.  މަރުވާމީހުންގެ ހަތަރުބައިކުޅަ އެއްބަޔަކީ ސީދާ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުން މަރުވާ މީހުންނެވެ. އާސަންދައިން އެންމެ ގިނައިން ހަރަދުކުރަން ޖެހެނީވެސް ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށެވެ.

(6) މިރޭޓުން ދަންޏާ އާސަންދައަށް ކުރާހޭދަ ދައުލަތުގެ ބަޖެޓުގެ ތެރެއިން ބޮޑު ހަރަދަކަށް ވެގެން ދާނެއެވެ. ރައްޔިތުންނަށް ދޭންޖެހޭ އެހެނިހެން ހިދުމަތްތަކާއި ތަރައްގީގެ ޕްރޮޖެކްޓްތަށް ހިންގުމަށް ބަޖެޓުގައި ފައިސާ މަދުވެގެން ދާނެއެވެ. ރައްޔިތުންނަށް ލިބިގެންދާނެ ގެއްލުން ބޮޑުވެގެން ދާނެއެވެ.

(7) ސިއްހީގޮތުން ރަނގަޅު އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި އާލާކުރުވާ އަށަގެންނެވުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ. ރައްޔިތުން ހޭލުންތެރި ކުރުވައިގެންނެވެ. ގާނޫނުތަކާއި ގަވާއިދުތަށް ބޭނުން ކޮށްގެންނެވެ. ކުޑަކުދިންނަށް ރީތި އާދަތައް ދަސްކޮށްދީގެންނެވެ. ކޮންމެހެން ހަމައެކަނި ބަޖެޓަށް ލުއި ދިނުމަށްޓަކައި އެކަންޏެއް ނޫނެވެ. އުފާވެރި މުޖުތަމައެއް ބިނާ ކުރުމުގެ ބޭނުމުގައިވެސް މެއެވެ.

Leave a Reply

Your email address will not be published. Required fields are marked *