މިމަހުގެ ބާރަވަނަދުވަހު ކެބިނެޓުން ނިންމިކަމަށް ހަބަރުތަކުގައިވަނީ ގެދޮރުއެޅުމުގެ މަޝްރޫއަށް ފައިސާހޯދަން ހަތަރުރަށެއް ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ހުޅުވާލިވާހަކައެވެ. މިރަށްތައް ދޫކުރުމުގެ މައިގަނޑު އެއް އުސޫލަކީ ހައުސިންފަންޑަށް އެންމެގިނަ ފައިސާދޭން ހުށަހަޅާފަރާތަކަށް އިސްކަންދިނުމުގެ އުސޫލެވެ. މިގޮތަށް ވަކިކަންތަކަށް ފައިސާހޯދުމަށް ރަށްތައް ދޫކުރުމަކީ މާހަމަޖެހޭ އުސޫލެއްގޮތުގައި ނުފެނެއެވެ.
މިރަށްތައް ބިޑު ކުރާއިރު އެއްފަހަރާދައްކަންޖެހޭ “އެކުއިޒިޝަން ކޮސްޓް” އޭކިޔުނު ފައިސާ ލުމަށް ހަމަޖެހިފައިވަނީ ހައުސިން ފަންޑަކަށެވެ. ރިސޯޓަކުން މިފަންޑަށް ލިބެނީ އެންމެ ޕޭމެންޓެކެވެ. މިފަންޑުން ލާރިމަދުވުމުން އަނެއްކާ އަނެއް ރަށް ދޫކުރަންވީ ހެއްޔެވެ؟ ޓޫރިސްޓް ރަށްތައް ތަރައްގީކުރުން ހައުސިންފަނޑާއި ގުޅުނީބާއެވެ؟
މިގޮތަށް މިކަން ދިއުމަކީ ޓޫރިޒަމްވެސް ރަގަޅު ސިޔާސަތެއްގެ ދަށުން ކުރިއަރުވަން ހުރަސްތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި ހައުސިންފަންޑެއް ހިންގޭނެ ގޮތެއްވެސް ނޫނެވެ.
ސަރުކާއުން ކުރަންޖެހޭ ހަރަދުތަކަށް ނުވަތަ ހޯދައިދޭންޖެހޭ ފަންޑުތަކަށް، ކޮންމެކަމެއް ވަކިކޮށް އެކަމެއް ކުރިއަށްގެންދަން ލާރިހޯދުމަށް ވަކިވަކި ކަންތަކެއް ކުރުން ނުވަތަ ވަކިވަކިރަށްތަކެއް ދިނުމުގެ ބަދަލުގައި ސަރުކާރުގެ ޖުމްލަ އާމްދަނީއިން އެކަންކަމަށް ބައިއެޅުން މާ ބުއްދިވެރިއެވެ. އާމްދަނީ ނެތްނަމަ ޖުމްލަ އާމްދަނީ އިތުރުކުރުމަށް ކުރެވޭނެ ކަންތައްތައް ކުރެވިދާނެއެވެ. ޓެކްސްނެގުން ނުވަތަ ޓޫރިޒަމްސިޔާސަތުގެ ދަށުން އިތުރުރަށްތަކެއް ތަރައްގީކުރަން ނިންމާފައިވާނަމަ އެކަންވެސް ކުރެވިދާނެއެވެ.
ކޮންމެކަމަކަށް ފަންޑުހޯދަން ނުވަތަ ސަބްސިޑީދޭން ވަކިރަށްތަކެއް ދޫކުރުމަކީ ލިބޭ އާމްދަނީ ހަމަހަމަގޮތުގައި ބަހަންވެސް އުނދަގޫވާނެ ކަމެކެވެ. އެކިރަށްތަކުން އަދި އެކި ސަރަހައްދުތަކުން އެކިވަރަށް އާމްދަނީ ލިބޭއިރު، އެލިބޭ އާމްދަނީއިން ވަކިވަކި ކަންކަން ކުރަންވެއްޖެނަމަ ބައެއްކަންތައްތައް އެންމެ އެކަށީގެންވާގޮތުގައި ނުކުރެވިދާނެއެވެ. ނުވަތަ ބައެއް ރައްޔިތުންނަށް އެކަށީގެންވާގޮތުގައި ހިދުމަތް ނުލިބިދާނެއެވެ. އެއާހިލާފަށް ސަރުކާރަށް ލިބޭ ޖުމްލަ އާމްދަނީއިން އެކިކަންކަމަށް ބޭނުންވާ ފައިސާ ބޭނުންވާ ވަރަކަށް ފޯރުކޮށްދިނުން މާ އިންސާފުވެރިވާނެކަމަށް ފެނެއެވެ.
މިހާރުވެސް ހައުސިން ކަންތަކަށް ފައިސާދޫކުރަން ކުންފުންޏެއް އެބައޮތެވެ. މިކުންފުނީގައި ފައިސާނެތީބާއެވެ؟ ސްޓެލްކޯއިން މީގެ ކުރީގައި ހަދަމުން ދިޔަގޮތަށް ލިބޭހާފައިދާއެއް ފައިދާގެ ގޮތުގައި ބަހާލަނީބާއެވެ؟ ސަރުކާރުން މިދަނޑިވަޅުގައިވެސް ވިސްނަންވީ މިކުންފުނިމެދުވެރިކޮށް ހައުސިން ކަންތައްތަކަށް ވެވޭނެ އެހީތެރިކަމެއް އޮތްތޯ ބެލުމަށެވެ. ބޭންކުތަކަށް އެހީއެއްދީގެން ބޭންކުތައް މެދުވެރިކޮށްވެސް މިކަމަށް ކޮންމެވެސް ވަރެއް ކުރެވިދާނެއެވެ.
ކަންކަމަށް ވަގުތީހައްލު ހޯދުމުގެ ބަދަލުގައި މުހިންމީ ދާއިމީ ހައްލުހޯދުމެވެ. މުހިންމީ ކަމެއްކުރާ ގޮތަކީ ދެމެހެއްޓެނިވިގޮތެއްގައި އެކަން ކުރެވިދާނެގޮތެއްތޯ ބަލާ އެކަމެއް ކުރުމެވެ.