މޭޔަރުކަމަށް ކުރިމަތިލަނީ ކީއްވެ

ކިޔެވުމާއި ވަޒީފާގެ ބޭނުމުގައި ރަށުން ބޭރުގައި 24 ވަރަކަށް އަހަރު އުޅުމަށް ފަހު ރަށަށް ބަދަލުވީ 2016 ވަނަ އަހަރު. މައިގަނޑު ސަބަބަކީ  މައިންބަފައިން ކައިރީ ހުރުމަށް. ރަށުގައި އުޅެމުން މުޖުތަމައުގެ ފައިދާއަށް އިޖްތިމާއީ މަސައްކަތްތައް ކުރަން ފެށިން. މި މަސައްކަތުގެ ތެރެއިން ފެނިގެން ދިޔަ އެއްކަމަކީ ރަށުގެ ކަންކަން ރަނގަޅުކޮށް ފުރިހަމަ ކުރުމަށް ސިޓީ ކައުންސިލްގެ ދައުރު މުހިންމުކަން. 

އަދި ހަމަ އެހެންމެ މި ރަށަކީ އަހަރެމެންނާ  އަހަރެމެންގެ ދަރިން އުޅެން އޮތް ރަށް ކަމަށް ވާއިރު، މިރަށުގައި، މި މުޖުތަމައުގައި ދިރިއުޅެން ފަހި މާހައުލެއް ގާއިމު ކުރުމުމަކީ އަހަރެެންގެ ޒިންމާއެއްކަންވެސް އިހުސާސް ކުރެވުނު. އެގޮތުން، ފުވައްމުލަކަކީ ތަނަވަސް، އަމާން އުފާވެރި ސިޓީއަކަށް ހަދަން ކުރެވެން ހުރި މަސައްކަތްތައް ކުރުމުގެ އަޒުމް ކަނޑައެޅިން. އެކަން އެންމެ ފުރިހަމައަށް ކުރެވެން އޮތީ ރަށް ހިންގުުމުގެ އެންމެ އިސް މަގާމުގައި ހުރެގެންކަން ގަބޫލު ކުރެވުނު. އަދި ހަމައެހެންމެ އެކަހަލަ މާގާމު ތަކުގައި ތެދުވެރި، އިޚްލާސްތެރި އަދި ނަޒާހަތްތެރި ބަޔަކު ތިބެންޖެހޭކަމަށްވެސް ގަބޫލު ކުރެވުނު. އެގޮތުގެމަތިން، 2021 ވަނައަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަ ކުރަން ނިންމީ. ބޭނުންވީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ރަށަށް ޚިދުމަތްކުރަން ފުރުސަތު ހޯދުން. 

އެ އިންތިޚާބުގައި ފުވައްމުލައް ސިޓީގެ މޭޔަރަށް ވުމުގެ ފުރުސަތު ފުވައްމުލަކު ރައްޔިތުން އަޅުގަނޑަށް ދެއްވި. އެއީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފް. މިދިޔަ ފަސްވަރަކަށް އަހަރުތެރޭ ކައުންސިލް ހިންގުން ހަރުދަނާކުރުމަށާއި އަދި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނު.

ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގާ، މައިކްރޯ ފައިނޭންސް ސްކީމެއް ފަށާ، ގްރާންޓް އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކާ އިޝްތިހާރުކުރުމަށް ފުރުސަތުތައް ހުޅުވިގެންދިޔަ. ފުވައްމުލައް އިޝްތިހާރުކުރުމަށް ބޭރުގެ ފެއަރތަކުގައި ބައިވެރިވެ، ޑިސްކަވާ ފުވައްމުލައް ވެބްސައިޓް ވަނީ ހިންގަން ފެށިފައި.

ދީނީހޭލުންތެރިކަން އިތުރުކުރަން ގިނަ ޕްރޮގްރާމްތައް ހިންގާ، ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ ނަމާދަށް އަހުލުވެރިކުރުމަށް ނަމާދު ޕްރޮގްރާމް ކުރިއަށްދޭ. މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓަން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތައް ކުރެވޭ.

ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމުކޮށް، މުބާރާތްތައް ބާއްވާ އަދި ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެވޭ. ހިތްހަމަ ޖައްސާލަން ޕާކުތަކާއި ފަތާފެންގަނޑުތަކާއި ފަންނުތައް ދަނީ ތަރައްގީވަމުން. މުނިފޫހި ފިލުވުމަށާއި އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް ފެސްޓިވަލްތަކާއި ކާނިވާތައް ބޭއްވުންވަނީ ފެށިފައި.

އިދާރީ ހިންގުން ހަރުދަނާކޮށް، މަސައްކަތަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ހޯދައިދިނުން އަދި ރަށްވެހިކަމުގެ ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ގިނަ ހެޔޮ ބަދަލުތަކެއް ވަނީ ގެނެވިފައި. މިގޮތުން ކައުންސިލުން ޚިދުމަތް ހޯދާ މުއާމަލާތް ކުރުމަށް އޮންލައިން ވަސީލަތްތަށް ގާއިމު ކުރުމާއި ކަސްޓަމަރ ފްރޮންޓް އޮފީސް އަދި ކޯލް ސެންޓަރ ހުޅުވުން ހިމެނޭ.

ސަރުކާރަކާއި ގުޅިގެން، އެއްބާރުލުންދީގެން ރަށުގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް މަގުފަހިކޮށްދޭން އަބަދުވެސް ގުޅިގެން މަސައްކަތްކުރެވޭ.

ބޭރުގެ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި ގުޅުންބަދަހިކޮށް އެފަރާތްތަކުން އެހީތައް ހޯދެމުންދޭ. އެގޮތުން ކުނީގެ މައްސަލައަށް ހައްލުހޯދުމަށާއި، ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް އާލާތްތަކާއި ސްކޫލްތަކަށް ކޮމްޕިއުޓަރ ސިސްޓަމްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ލިބިފައިވާ އެހީތައް ފާހަގަކޮށްލެވޭ. އަދި ބައިނަލް އަގުވާމީ އެކި އެކި ކޮންފަރަންސްތަކާއި ފޯރަމްތަކުގައިވެސް ފުވައްމުލަކުގެ ވާހަކަ ހިއްސާކުރެވޭނެ ގިނަ ފުރުސަތުތައް ލިބެމުންދޭ.

މިކަންކަން ކާމިޔާބު ކަމާއިއެކު ކުރިއަށް މިގެންދެވެނީ ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރުން އަދި ކައުންސިލްގެ ހީވާގި މުއައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއި ބުރަ މަސައްކަތުގެ ސަބަބުންކަންވެސް ފާހަގަކޮށްލަން. އަދި ރައްޔިތުން ކުރި އިތުބާރުންވެސްމެ.

އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލްކުރަންބޭނުންވާ ކަންކަން ކޮށް އަދި ނުނިމޭ. ފެށިފައި ހުރިކަންތައްތައް ހަރުދަނާގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައިހުރި އިތުރުކަންކަން ފަށާ އެކަންކަން ކުރިއަށްގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން ބޭނުންވޭ. ދެވަނަ ދައުރަކަށް ކުރިމަތިލާން ނިންމީ އެހެންވެ.