• ރަށުގެ އިގްތިސާދު ދިރުވާ ދުވެލި ބާރުކުރަންޖެހޭ.  އިގްތިސާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރަން ޖެހޭ
  • ރަށަށް ވަންނަ އާމްދަނީ އިތުރުކޮށްމުހިންމުނޫން ޚަރަދު ކުޑަކުރުމަކީ އިގްތިސާދީގޮތުން ތަނަވަސް، ފުދުންތެރިރަށަކަށް ހަދަން ކުރެވޭނެ އެންމެ މުހިންމު އެއްކަން
  • ރަށުން ބޭރުވާ ފައިސާވެސް މަދުކުރަން މަސައްކަތް ކުރަން ޖެހޭ. އެގޮތުން މީހުން ކުރާ ޚަރަދާއި ބެހޭ ސާވޭތައްކޮށް ގިނައިން ޚަރަދު ކުރާ ކަންކަން ރަށުން ލިބޭނޭ/ވާނޭ ގޮތް ހަމަޖެއްސުމުގެ ވިސްނުން މުހިންމު. މިއީ ރަށުގެ ވިޔަފާރިތަކަށްވެސް ލިބޭނެ އިތުރު ކުރިއެރުމެއް
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ރަށުގެ އިގްތިސާދުގެ މައި ތަނބުތައް. އެވިޔަފާރިތައް ދިރުވާ އާލާކުރަން އެހީތެރިވުން. އެގޮތުން ކެޕިޓަލް ހޯދޭނޭގޮތްތައް ބަލާ އަދި ޓެކްނިކަލް އެހީ ދެވިދާނެ. އަދި  ރަށުގެ އުފެއްދުންތައް ދައްކާލުމާއި ވިއްކޭނެ ތަނެއް ހެދުން
  •  ރަށުގެ ވިޔަފާރިތައް ކުރިއަރާ ކައިރީ އަތޮޅުތަކަށް  ފުޅާވުމަކީ ވިޔަފާރިތައް އެހެން ހަރުފަތަކަަށް ގެންދަން ކުރެވިދާނެކަމެއް. މިކަމުގައި އެހެން އަތޮޅު އަދި ރަށުކައުންސިލްތަކާއި މަޝްވަރާ ކޮށް މަގު ފަހި ކުރެވިދާނެ
  • ފުވައްމުލައް ތަރައްގީގެ ފަންޑެއް އުފައްދާ އާންމުކޮށް ހުޅުވާލުން. މިފަންޑަށް ލިބޭ ފައިސާ އަދި ކުރެވޭ ޚަރަދުތައް ދެފުށް ފެންނަގޮތަށް ހާމަކުރުން. ފަންޑުން ޚަރަދުކުރެވޭނެ ކަންކަން ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ
  • ރަށުގެ އެކި ދާއިރާތަކުގެ ތަފާސްހިސާބު އެއްކޮށް ބަލަހައްޓާ ހާމަކުރުމަކީ މުހިންމުކަމެއް. އަދި ރަށުގެ ތަރައްގީއާއި ކުރިއެރުން މިނެކިރޭނެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމަކީވެސް މުހިންމު ކަމެއް. މިމައުލޫމާތުތަކާއި ތަފާސްހިސާބުތަކަކީ ޕްލޭން ތަކާއި ސިޔާސަތުތައް ކަނޑައަޅާއިރު އެހީވެދޭނެ އެއްޗެހި. މިކަންކަން ކުރުމަށް ސްޓެޓިސްޓިކްސް ބިއުރޯގެ އެހީތެރިކަމާއި އެކު މިންގަނޑުތައް އެކުލަވާލާ މީހުން ތަމްރީނު ކުރެވިދާނެ
  • ވަޒީފާ އުފެއްދުމަކީ މުހިންމުކަމެއް. އިގްތިސާދީ ހަރަކާތްތައް ފުޅާވާ ވަރަކަށް ވަޒީފާ އިތުރުވެގެންދާނެ. ވަޒީފާއާއި މުސާރައާއިބެހޭ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމަކީ މުހިންމުކަމެއް
  • ޚިދުމަތް ދިނުމުގެ ވިޔަފާރިއަށް ފުވައްމުލަކަކީ އެކަށީގެންވާ ތަނެއް. މިގޮތުން، ކޯލްސެންޓަރ، ހެލްޕްޑެސްކް ފަދަ ޚިދުމަތްތައް ދިނުމުގެ މަރުކަޒެއްގޮތަށް، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް،  މި ރަށް ޕްރޮމޯޓް ކުރުން .
  • ބަނދަރަކީ ރަށުގެ އިގްތިސާދުގެ މުހިންމުބައެއް. ފަތުރުވެރިކަން، މަސްވަރިކަން، ވިޔަފާރި އަދި ދަތުރުފަތުރުކުރުމާ ގުޅިފައިވާތަނެއް. ބަނދަރުގެ ދަތިކަން މިހާރު ވަރަށްބޮޑު. ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ޕްލޭންތަކެއް ހަދާ، ހައްލުހޯދައިދިނުމުގެ މަސައްކަތް އަވަހަށް ފަށަނަްޖެހޭ
  • ސްޓްރެޓެޖިކް އިކޮނޮމިކް ޑިވެލޮޕްމެންޓް ޕްލޭނެއް ހެދުމަކީ ތަރައްގީގެ ސިޔާސަތުތައް ކަނޑައަޅަން ކުރެވޭނެ ބޭނުންތެރި ކަމެއް
  • ރަށުގެ ޓުއަރިޒަމް މާސްޓަރ ޕްލޭނެއް ހަދާ އަދި ރަށް މާކެޓްކުރާނީ ކޮންކަހަލަ ތަނެއްގޮތަށްތޯ ކަނޑައެޅުން
  • ފުވައްމުލައް ޑެސްޓިނޭޝަނެއްގޮތަށް ޕްރޮމޯޓު ކުރުން
  • ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ފަސޭހައިން އަދި އަގު ހެޔޮކޮށް އާދެވޭނެ ގޮތްތައް ބެލުން
  • ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް މަގުފަހި ކުރުން
  •  ރަށުގެ ގުދުރަތީ މުއްސަދިކަން ދެމެހެއްޓެނިވި ގޮތުގައި ބޭނުންކޮށް އެއިން ފުރިހަމަ މަންފާ ރައްޔިތުންނަށް ހޯދައިދިނުން
  • ކިޅި އަދި ޗަސްބިން ސަރަހައްދުގެ ކަނޑައެޅޭ ހިސާބުތަކަށް ފަސޭހައިން ވަދެވޭގޮތަށް ވޯކްވޭތަކާއި ކެނޮޕީވޯކްތައް ހަދާ އެސަރަހައްދުގެ ރީތިކަން ބަލާ ތަޖުރިބާ ކުރެވޭނެގޮތްތައް ހަމަޖެއްސުން
  • ފުވައްމުލަކަކީ ޑައިވިންއަށް މައްޝޫރު ރަށަކަށް ވުމާއި އެކު، މި ރަށަކީ އެޑްވެންޗާ ޓުއަރިޒަމްއަށް މަގުބޫލު މަންޒިލަކަށް ހެދޭނެތޯ ބެލިދާނެ. ޒިޕްލައިން، ބަންޖީ ޖަމްޕިން ކަހަލަ އެޑްވެންޗާ ކުޅިވަރުތައް ކުޅެވޭގޮތް ހެދިދާނެ
  • އެއާޕޯޓުން ނަފާ އިތުރަށް ހޯދުމުގެ ގޮތުން ފްލައިންސްކޫލަކާއި ފްލައިން ސްޕޯޓްސް ކުޅެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ފީޒިބިލިޓީ ހެދުން
  • ރަށުގެ ކަނޑުގެ ދިރުމަކީ ރަށަށް ލިބިފައިވާ ގުދުރަތީ މުއްސަދިކަމަކަށް ވާއިރު، ދެމެހެއްޓެނިވިގޮތުގައި އެމުއްސަނދިކަން ބޭނުން ކުރެވޭނެ ގޮތްތައް ހަމަޖެއްސުން
  • ޑައިވްކުރުމަށް ރަށަށް ޒިޔާރަތްކުރާ ސަފާރީތަކުން ރަށަށް އެކަށީގެންވާ އާމަދަނީއެއް ލިބޭނެގޮތް ހަމަޖެއްސުން
  • ބިޅިފޭށި ސަރަހައްދަކީ ރަނގަޅު ފެންވަރެއްގެ ޓޫރިސްޓް އޭރިއާއަކަށް ތަރައްގީ ކުރެވިދާނެ ތަނެއްކަމަަށް ބެލެވޭ. ހަރުދަނާ ރަނގަޅު ޕްލޭނެއްގެ ދަށުން އެކަން ކުރުން
  • ކުޅިވަރަށް މަސްބޭނުން ވިޔަފާރިއެއްގޮތަށް ޕްރޮމޯޓް ކުރުން
  • ދަނޑުވަރިކަމުގެ ޒަމާނީ ގޮތްތަކަށް އިސްކަންދީ ކުރިއެރުވުން
  • ކޮމިއުނިޓީ ގާޑަން އާއި އާބަން ފާމިން ފަދަ ކަންކަންކުރި އެރުވުން
  •  އަނބަކީ ރަށުގެ އިގްތިސާދަށް އެތައް މިލިއަން ރުފިޔާއެއް އަހަރަކު ހޯދައިދެމުންދިޔަަ މުއްސަނދިކަމަކަށް ވީ ހިނދު، އަނބު އުފެއްދުން އިތުރުކުރުމަށް ގަހަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދައި، ވާމަދުކޮށް އިތުރުގަސް އިންދުމަކީ މުހިންމުކަމެއް
  • އަލަ، ބަނބުކެޔޮ ފަދަ ކާނާގެ ބާވަތްތައް އުފެއްދުން އިތުރު ކުރުމަކީ ފުޑް ސެކިއުރިޓީއަށްޓަކާ ކުރަންޖެހޭ ކަމެއް
  • ދަނޑުވެރިކަމާއި ބެހޭ މައުލޫމާތު ހޯދާ ދަނޑުވެރިންނަށް އެހީތެރިވުމަށް ނާސަރީއެއް ހިމެނޭގޮތަށް  އެގްރިކަލްޗާ ސެންޓަރެއް ގާއިމުކުރުމަކީ މުހިންމުކަމެއް. ދަނޑުވެރިކަމުގެ ތަޖުރިބާކާރުންގެ ޚިދުމަތް ލިބެންވާނެ
  • މަސްވެރިންބާނާ މަސް ވިއްކޭނެ ފަސޭހަ ނިޒާމެއް ރަށުގައި ގާއިމު ކުރުން
  • ފުވައްމުލަކަކީ މަސްވެރިކަމުގެ ގޮތުންވެސް ރާއްޖޭގެ އެހެން ގިނަ ރަށްތަކާއި ތަފާތު ރަށެއް. މިރަށުގައި އެންމެފައިދާ ވާ ގޮތަށް ކުރެވޭނީ ކޮންކަހަލަ މަސްވެރިކަމެއްތޯބަލާ އެކަންތައްތައް ކުރުމަށް މަގުފަހިކޮށްދިނުމަކީ މުހިންމުކަމެއް
  • ފުވައްމުލަކުގެ އިގްތިސާދަށް ކުރިއެރުން ހޯދަން ތައުލީމާއި ސިއްހަތު ދާއިރާއިން މުހިންމު ރޯލެއް އަދާކުރެވިދާނެ
  • ފުވައްމުލަކަކީ ތައުލީމީ ހަބެއް ގޮތުގައި އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުން. މިހާރުވެސް ‘ފުވައްމުލައް އެޑިއުކޭޝަން އެކްސްޕޯ’ ގެ ނަމުގައި އެކި ރައްރަށުގައި އިވެންޓްތަކެއް ބޭއްވިދާނެ. ތައުލީކަމީ އިގްތިސާދީ ގޮތުން ނަފާ ހޯދޭނެ މަގެއް. އަދި ރަށުގެ އިގްތިސާދުގެ މުހިންމު ބަޔަކަށް ހެދޭނެ
  • އައިޓީ ތައުލީމާއި ހުނަރުވެރިންގެ މަރުކަޒެއްގޮތަށް ރަށް ޕްރޮމޯޓް ކުރުން
  • ސިއްހީ ފަރުވާދިނުމުގައި ވަކި ދާއިރާއަކަށް ޚާއްސަވެގެން އެކަން ފުވައްމުލަކުގައި ކުރެވިދާނެތޯ ބެލުމުގެ ދިރާސާއެއް ކުރުން ރަނގަޅު