ބައެއްފަހަރު ސަރުކާރުން ހަދާލާ ގަވާއިދަކީ ހަމަބުއްދީގައި ހުންނަމީހަކަށް ގަބޫލު ކުރަން އުދަގޫ ގަވާއިދު ތަކެކެވެ. ތަންކޮޅެއް ކުރީޒަމާނުގައި މާލެއަރަން ކުޑަސިޓީ ހައްދަން ޖެހުނެވެ. އެހެންގައުމަކަށް ދާއިރު ވިސާ ހައްދަން ޖެހޭ ގޮތަށެވެ. މިދޭތެރެއަކުން ފަށައިގެން އުޅޭ ކަމަކީ މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރެއްގެ ކަންތަކެވެ. މިދަފްތަރު ވަނީ ދަންތުރައަކަށް ބަދަލުވެފައެވެ. ބޭކާރު ކަމަކަށް ވުމުގެ އިތުރުން މިކަމުގެ ސަބަބުން އެތައްބައެއްގެ ހައްގުތައް ދަނީ ގެއްލެމުންނެވެ.
މާލޭގެ ގެދޮރު މައްސަލަ ބޮއްސުންލައިގެން ދިޔައީ ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން މާލެ ނައިސް ނުވާނޭގޮތަށް ހުރިހާ ސިޔާސަތުތަކެއް ރޭވިގެން ދިއުންކަމަށް އެންމެންވެސް ގަބޫލު ކުރެއެވެ. މާލޭގައި މީހުން ގިނަވުމުގެ ސަބަބުން ގެދޮރުގެ ކަންތަކުގައި އެންމެ އުނދަގޫ ގޮތަކަށް އުޅެން ޖެހުނީ އަދި މިހާރުވެސް ޖެހެނީ އަތޮޅުތަކުން މާލެ އަންނަ ރައްޔިތުންނެވެ. އެކަމަކު ދައުލަތުގެ ބަޖެޓުން ނުވަތަ ދިވެހި ސަރުކާރަށް ބޭރުގެ ފަރާތްތަކުން ދޭ ހިލޭ އެހީއާއި ލޯނުތަކުން އިމާރަތްކުރެވުނު ގެދޮރު ލިބޭގޮތަށް ނިންމީ ހަމައެކަނި މާލޭ ރަށްވެހިންނަށެވެ. މާލޭގައި އެންމެ ދަތިހާލުގައި އުޅެންޖެހޭ މީހުން ނުހިމެނޭ ގޮތަށެވެ. ދެން އެއަށްފަހު ނިންމީ އެހެން ރަށެއްގެ ރަށްވެއްސެއްނަމަ ވަކި ޝަރުތުތަކެއް ހަމަވުމުން މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރުގައި ޖެހުމުން މާލެއިން ގެދޮރު ހޯދުމަށް ކުރިމަތިލުމަށް މަގުފަހިވާ ގޮތަށެވެ. މިއަކީ ތާކުންތާކު ޖެހޭގޮތެއް ނޫނެވެ. އެމީހަކީ އެބުނާ ޝަރުތުތަކެއް ފުރިހަމަވާ މީހެއްނަމަ ކޮންމެހެން އޭނާގެ ރައްވެހިކަން ބަދަލު ނުކޮށްވެސް މާލެއިން ގެދޮރު ހޯދުމުގެ ފުރުސަތު އޮންނަން ޖެހޭނެއެވެ.
މާލެއިން ގެދޮރު ހޯދަން ބޭނުންވާ މީހުން ވަކި ދަފްތަރެއްގައި ހިމަނާ އެބަޔަކު ރައްވެހިވެފައިވާ ރަށްރަށުގެ ރައްވެހިކަމުން ވަކި ކުރުމަކީ ގިނަބަޔެއްގެ ހައްގު ގެއްލޭ ކަމެކެވެ. ދަފްތަރުގައި ޖަހާ މީހަކީ ވަކި ރަށަކަށް ނިސްބަތްވާ މީހަކަށް ނުވެއެވެ. އެޑްރެހަކީ ދަފްތަރު ނަމްބަރެކެވެ. އަދި މާލޭގެ ރަށްވެއްސަކަށް ލިބޭ ހުރިހާ ހައްގުތަކާއި ފަސޭހަތަކެއްވެސް އެމީހަކަށް ކޮންމެހެން ނުލިބެއެވެ. އަދި އެމީހަކު އަސްލު ނިސްބަތްވާ އަތޮޅެއްގެ ރައްޔިތުންނަށްވެސް މިކަމުން ހައްގުތަކެއް ގެއްލެއެވެ. މިހާރު ރައްޔިތުންގެ މަޖްލިސްގައި އަތޮޅަކަށް މެމްބަރުން ކަނޑައަޅަނީ އެއަތޮޅެއްގެ އާބާދީގެ ނިސްބަތުން ކަމަށް ވާއިރު ދަފްތަރުގައި ޖެހުމުގެ ސަބަބުން އެއަތޮޅަކަށް ލިބެންޖެހޭ ގޮނޑީގެ އަދަދު މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމުގެ ފައިދާ ލިބެނީ މާލެއަށެވެ. މާލެއަށް ލިބޭ ގޮނޑި އިތުރުވުމުގެ ސަބަބުންނެވެ. މިހާރުވެސް ދަފްތަރުގައި ހަތްހާހަށްވުރެ ގިނަމީހުން ތިބިއިރު މިއީ މާލެއަށް ލިބޭ އިތުރު ގޮނޑިއެކެވެ. އަދި އަތޮޅުތަކުން މަދުވާ ގޮނޑި ތަކެކެވެ.
މާލެއިން ބޯހިޔާވަހިކަން ހޯދުމަށް ޝަރުތުހަމަވާ މީހުންނަށް، އެމީހަކީ ކޮންމެ ރަށެއްގެ ރަށްވެއްސަކަށްވިޔަސް، މާލެއިން ގެދޮރު ހޯދުމުގެ ފުރުސަތު އެމީހަކަށް އޮންނަން ޖެހޭނެއެވެ. މާލެއިން ގެދޮރުހޯދަން ބޭނުންވާ މީހުން މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފަތަރުގައި ޖެހުމަކީ މިހާރުން މިހާރަށް އުވާލަން ޖެހޭ ކަމެކެވެ. އަދި އެމީހުން އަސްލު ނިސްބަތްވާ ރަށުގެ ރަށްވެހިކަމަށް ބަދަލުކޮށް އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދޭން ޖެހޭނެއެވެ. މިގޮތަށް މިކަން ބަދަލު ނުކޮށްފިނަމަ ފުވައްމުލަކު ރަށްވެހިކަމުގައި ނުވާ ބަޔަކު މިރަށުން ގޯތި ހޯދާނަމަ “ފުވައްމުލަކި އޮޑިގަނޑި ޚާއްސަދަފްތަރު” ގައި ޖެއްސުމަށް ހުށަހަޅަމެވެ.